މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ފަސޭހައިން ބަލައިލުމަށް ”އަގުމަގު“ ގެ ނަމުގައި ޕޯޓަލެއް ރޭގައި ތައާރްފްކޮށްފިއެވެ. މި ޕޯޓަލް ތައާރަފްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މި އެޕްލިކޭޝަނާއި ގުޅޭގޮތުން ބެހޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެ ޕޯޓަލެއް ކަމަށެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ވިޒާރާއިން ވަނީ ބުނެފައިވެއެވެ.
އަދި މީގެ އިތުރުން ”އަގުމަގު“ ޕޯޓަލުން ބާޒާރުގެ އަގުތައް ފެންނަން ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައި ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕޯޓަލް ލޯންޗުކޮށްދެއްވުމަށްފަހު ވަޒީރު ސަޢީދު ވިދާޅުވީ މިފަދަ ޕޯޓަލެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުން ކަމަށެވެ.
”މީގެން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެބޭފުޅުން އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން. އެއީ މީގައި ދެން އޮތް މަރުހަލާއަކީ. އަޅުގަނޑުމެންގެ އިންސްޕެކްޓަރުން އެކި ތަންތަނަށް ގޮސްގެން ހޯދާ ގޮތައް މިހުންނަނީ. އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަންއަކަށް“ ވަޒީރު ސައީދު ވިދާޅުވިއެވެ.
އެވުޒާރާއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. މިވަގުތު މި ލިސްޓުގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތަކެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ރަށްތަކުގެ އަގުތައްވެސް ހިމަނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.



