އިދިކޮޅު އެމްޑީޕީން އެ ސަރުކާރުތަކުގެ ބަޖެޓުތައް ތަންފީޒުކުރަމުން ދިޔައީ ދިގު މުއްދަތެއްގައި ގައުމަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ ނޫންކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި ސަރުކާރަކީ ވައުދު ފުއްދާނެ ސަރުކާރެއްކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް ފަހު 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އައު ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިމަނައިދެއްވުމަށް އެދުނު ނަމަވެސް އެމްޑީޕީން އެގޮތަށް އަމަލުކޮށްފައި ނުވުމުގެ ސަބަބުން 2024 ވަނަ އަހަރު ސަރުކާރުން ހިންގަން ބޭނުންވި ތަރައްގީއަށް ހުރަސްއެޅުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް 2024 ވަނަ އަަހަރުގެ ފަހުކޮޅު ހުށަހަޅައި 2025 ވަނަ އަހަރު ތަންފީޒު ކުރެވުނު ސަރުކާރުގެ ފުރަތަމަ ބަޖެޓަކީ ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ބަޖެޓެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ބަޖެޓު ތަންފީޒުކުރުމުގައި އެމްޑީޕީން ގެންގުޅެފައިވަނީ ވަރަށް ދޯހަޅި ސިޔާސަތުތަކެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. ”އެމްޑީޕީން ބަޖެޓު ތަންފީޒުކުރާގޮތް ކުރީގެ ރައީސް ނަޝީދުވެސް ވިދާޅުވެދެއްވި ހަރަދުކޮށް ނިންމާލާފައި ފައިސާ މަދުވީމަ އެމްއެމްއޭއަށް ގޮސް ފައިސާކޮޅެއް ނަގައިގެން. ދިގު މުއްދަތެއްގައި ގައުމަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ ނޫން މިކަންކަން ކުރަމުން އައީކީ. ނަތީޖާއަކީ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުން. “ މޫސާ ޒަމީރު ވިދާޅުވެފަވެއެވެ.
ސަރުކާރު އައިއިރު މާލީ ގޮތުން ހާލަތު ދަށް ނަމަވެސް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ސަބަބުން މިހާރު އިގްތިސާދު ވަރުގަދަވެފައިވާކަމަށާއި މި ބަދަލާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ސެކްޓަރއާ ގުޅިގެން ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.



