މާލޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގި ޕްރައިމް ގޯޑައުންއާއި ޖެހިގެން ހުރި އިލެކްޝަންސް ކޮމިޝަންގެ މަރުކަޒުގެ ހުރިހާ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.
މިކަން ހާމަކުރެއްވީ އެސަރަހައްދުގައި ހުންނަވައި މީޑީއާތަކަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އެވެ.
ޒާހިދު ވިދާޅުވީ އީސީގެ މަރުކަޒާއި އިންވެގެން ހުރި ގުދަނުގައި ރޯވި އަލިފާނުގެ ހާދިސާގައި އެކޮމިޝަނުގެ އެއްވެސް މުދަލަކަށް ނުވަތަ ލިޔެކިޔުމަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި އެތަނުގައި ހުރި ސާމާނު މިހާރު ސޯޝަލް ސެންޓަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިރޭގެ ވަގުތެއްގައި އެތަނުގައި ހުރި ތަކެތި ސޯޝަލް ސެންޓަރަކަށް ބަދަލުކުރެވި މާދަމާއިން ފެށިގެން އިންތިހާބާއި ގުޅުންހުރި ހުރިހާ ކަމެއް ވަގުތީ ގޮތުން ކުރިޔަށްގެންދާނީ ސޯޝަލް ސެންޓަރުގައި ކަމަށް ޒާހިދު ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ވިދާޅުވީ އީސީގެ މަރުކަޒު ހުންނަ އިމާރާތަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި އެތަނުގައި މަސައްކަތްކުރުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެން އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.
އީސީން މީގެ ކުރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކޮމިޝަނުގެ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާކަމަށެވެ.
އަދި އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައިނުވާކަންވެސް ކަށަވަރުކޮށްދީފައިއެވެ.



