ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

މިފެށޭ ރޯދަމަހަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

މާދަމާ ފެށޭ ރޯދަމަހަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް، ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމަށް ޖުމްހޫރީ މައިދާނުގައި ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ޤައުމާއި ދީން އިސްކުރެއްވުމަށެވެ. އަދި، މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި ކުރިއަށްދިޔުމަކީ އިސްލާމްދީން ދަސްކޮށްދޭ، އެކަމަކަށް ބާރުއަޅާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެކަކު އަނެކަކަށް މާފުކުރުމާއި، އެކުވެރިކަން އާލާކުރުމާއި، ހިތްސާފުކޮށް ޠާހިރުކުރުމާއި، އަނެއް މުސްލިމާއަށް ތިބާގެ ފަރާތުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެފަދަ ކަންކަމަކީ ނަބަވީ ސުންނަތުން ދަލީލުކޮށްދޭ ކަންކަންކަމަށާއި، މިކަންކަން މީހެއްގެ ކިބާގައި ނެތްނަމަ އެމީހެއްގެ މުސްލިމުކަން ފުރިހަމަވެގެންނުދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން، އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ބަރަކާތްތެރި ރޯދަމަހުގައި އަމިއްލަ ނަފްސު އިޞްލާޙްކުރުމުގެ ނިޔަތްގަނެ، މާތްﷲގެ ވާގިފުޅާއެކު އެމަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހާ ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ. މީގެ ސަބަބުން، މުޅި ދިވެހި މުޖްތަމަޢުއަށް އޭގެ ފައިދާކޮށް، މުޅި މުޖުތަމަޢު ތަރައްޤީވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް