އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން މަޝްވަރާތަކެއް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) ގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
ޓީއޯއާރް އަކީ ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.
އެކަން އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއުލާންކުރި ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އެފްޓީއޭ ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ގާއިމުކުރުމެވެ. އަދި އެފްޓީއޭއާ އެކު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ އެފްޓީއޭ އެއްބަސްވުމެއް އެކުލަވައިލީ ޗައިނާއާ އެކީގަ އެވެ. އެއަށް ޖެނުއަރީ 1، 2025 އިން ފެށިގެން އަންނަނި އަމަލު ކުރަމުންނެވެ.
ސަރުކާރުން ވަނީ ތުރުކީއާ އެކު ވެސް އެފްޓީއެއްގައި ސޮއި ކުރަން ނިންމައިފަ އެވެ.



