- Advertisement -spot_img

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މާލޭ ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީ ބޮޑުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލް އިން ފާހަގަކުރިއެވެ. މީގެ ތެރޭގައި ’އޭ ޒޯން‘ ބޭނުންކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ތައްޔާރީތައް ހިމެނެއެވެ. އަދި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ގެނައި ބަދަލުތަކާއެކު، މުދާ އުފުލާ ބޯޓުފަހަރުތައް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މަސްވެރި އުޅަނދުތަކަށް ޚާއްސަ ކޮށްފައިވާ ’ޑީ’، ’އީ‘ އަދި ’އެފް‘ ޒޯން ބޭނުންކުރާ އުޅަނދުތަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާކަން އެމްޕީއެލް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ސަރަޙައްދު ބޭނުންކުރުމުގެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތަކަށް އެ ސަރަޙައްދު ބޭނުން ނުކުރެވޭ ގޮތަށް ނިންމި ނިންމުމެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، އެ ކުންފުނީގެ އަމާޒަކީ ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކޮށް، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އަދި ހަޤީޤަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް