އެމްޓީސީސީ ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް، މި ރަމަޟާން މަސް ނިމެންވާއިރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން ތަރއްޤީކޮށް އަލުން ހުޅުވުމުގެ ގޮތުން ރޭގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކވަމުންނެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގެ މިބައި ތަރައްޤީކުރެވިގެންދާނީ، މަގުގައި ދެ ލޭން ހިމެނޭ ގޮތަށް، ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައި، މަގު ފުޅާކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވިއެވެ.
މާލޭގެ ގިނަ މަގުތަކަކީ ބޮޑެތި މަރާމާތުތަކެއް ކުރުމަށް ބޭނުންވެފައިވާ މަގުތަކެކެވެ. އަދި އެމަގުތައް އަލުން ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަކީ ރައީސްގެ ތަސައްވަރެކެވެ. އެހެންކަމުން އެމަނިކުފާނުގެ މިދައުރުގައި މާލޭގެ ގިނަ މަގުތައް ތަރައްޤީކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



