- Advertisement -spot_img

ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ގޮތަށް ޢިއްޒުއްދީން ފާލަން ތަރައްޤީކޮށް ހުޅުވައިފި

މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ޢިއްޒުއްދީން ފާލަން ތަރައްޤީކުރުމަށް ރޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށް ޙާއްސަކޮށް ރޭގައި ޖުމްހޫރީ މައިދާނުގި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ފާލަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ކުފުނި އަދި އޮފީސް ތަކުގެ ވެރިންނާއި އާންމުން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށެވެ. އަދި މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، ފާލަމެއްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ޢިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ފާލަން ފަރުމާކުރުމުގައި ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ފާލަން ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ރިޢާޔަތްކޮށްގެންނެވެ. ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި އަލްއަމީރު މުޙައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ މި ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ސަރަޙައްދުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅު އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރައްވާނޭކަމުގެ ޚަބަރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ސަލްޓަން ޕާކު ތަރައްޤީކުރައްވާނީ، ބަވަނަވަމުންދާ ދުނިޔޭގެ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން އަދުގެ ޖީލަށް ޝަޢުޤުވެރިކުރަނިވި ގޮތެއްގައި ރާއްޖޭގެ ތާރީޚު ދަސްވާނޭ ގޮތަކަށް ކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޢިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރ ނުވަތަ ސުޕަރ ސްޓްރަކްޗަރ އަށް ވަނީ ގެއްލުންވެފައެވެ. އެހެންކަމުން ފާލަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީޓީސީސީ އާ ހަވާލުކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ގުޅުންހުރި ލިޔުންތައް