ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިހަވަންދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އެރަށުގެ ”ފުއްޓަރު އުފާ“ ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ހިތްފަސޭހަ މި މައިޒާން، ބިންގާ އަޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ހއ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތަށް ވަޑައިގަތުމުގެ ކުރިން އެކަމަނާ ވަނީ އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވައި، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައްވެސް ބައްލަވައިލައްވާފައެވެ.



