ސްރީލަންކާ ސިފައިން އަތުލައިގަތް މަސްބޯޓެއް ފާސްކުރިއިރު، 654 ކިލޯ ގްރާމްގެ ޑްރަގާއި ގިނަ އަދަދެއްގެ ހަތިޔާރު ފެނިއްޖެއެވެ.
ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުން އަތުލައިގަތް މި ތަކެތީގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުޕީސްއަށް އަރާނެ ކަމަށް ފުލުހުން ލަފާކުރެއެވެ.
ލަންކާގެ ކަނޑުގެ ސިފައިން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް ޑްރަގްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ 478 ކިލޯގެ އައިސް (ކްރިސްޓަލް މެތަމްފެޓަމައިން) އާއި 176 ކިލޯގެ ހެރޮއިންއެވެ. މި ބޯޓު މިހާރު ވަނީ ލަންކާގެ ބަނދަރަކަށް ވައްދާފައެވެ.
ޑްރަގްގެ އިތުރުން އެ ބޯޓުން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރު ވެސް ފެނުނު ކަމަށް ލަންކާ ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އަށް ފިސްތޯލައާއި، އޭގެ ދެ މެގަޒިންގެ އިތުރުން ޓީ56 މަރުކާގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 ރައިފަލެއް ހިމެނެއެވެ.
މިއީ ފާއިތުވި އަހަރުތަކުގައި އެ ގައުމުގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ޑްރަގްސް އާއި ހަތިޔާރު އަތުލައިގަތް އެއް އޮޕަރޭޝަން ކަމަށް އެ ގައުމުގެ ފުލުހުން ބުންޏެވެ.



