މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ ރަމަޟާން މަހުގެ މާތްކަމާއި، އެ މަހަށް ފަހު ވެސް ހެޔޮ އަމަލުތައް ކުރުން މަތީ ދެމިތިބުމުގެ މައްޗަށެވެ.
އަޅުކަމަކީ ހަމައެކަނި ވަކި މޫސުމަކަށް ހާއްސަ ކަމެއް ނޫން ކަމަށާއި، މަރުވަންދެން ވެސް ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިބެން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚާއްސަކޮށް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށާއި، ގުރުއާން ކިޔެވުމާއި އިސްތިޣުފާރު ކުރުން ފަދަ ހެޔޮ އަމަލުތައް މަދުން ނަމަވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކުރެވޭ ހެޔޮ އަމަލުތަކަށްޓަކައި ކިބުރުވެރިނުވެ، އެ އަމަލުތައް ﷲ ޤަބޫލުކުރެއްވުމަށް އެދި ދުޢާކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.
ފަހު ދިހައެއްގެ ރޯދަތައް ގުނާއިރު، ރޯދައަށް ފަހުގައި ވެސް ހެޔޮ އަމަލުތައް ކުރުން މަތީގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ. މިއަދުގެ ޚުތުބާ ދީފައިވަނީ، ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް، ހެޔޮ އަމަލުކުރުމަށް ނިމުމެއް ނާންނާނެ ކަމަށެވެ. މިގޮތުން، ހެޔޮ އަމަލުކުރުމަށް ނިމުމެއް އަންނާނީ މަރުވުމަށް ފަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ޚުތުބާގައި ބުނީ، އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަން ވާނެ ކަމެއް ނޫން ކަމަށާއި އެއީ މުސްލިމުންގެ މުޅި ހަޔާތުގައި ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
”ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާންމަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި، އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ. ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމެވެ،“ ޚުތުބާގައިވެއެވެ.
އެއާއެކު، މިހާރު ފަހު ދިހައެއްގެ ދުވަސްތައް ގުނާއިރު، މި ރޯދަ މަހުގައި އަމަލުތައް ހުރި ގޮތާ މެދު ވިސްނުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. މި މަހުގައި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވީ ގޮތަށް ރޯދައަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށް ޚުތުބާގައި ގޮވާލިއެވެ.
ކޮންމެ ދުވަހަކު ގުރުއާން ކިޔަވައި، ހެޔޮ އަމަލުކުރުން މަތީގައި ދެމިހުރުމަށް ނަސޭހަތްތެރިވިއެވެ. ކިތަންމެ މަދުން އެ ކަންކަން ކުރެވުނު ނަމަވެސް، ހުއްޓައި ނުލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި، ގިނަގިނައިން ތައުބާވެ، މާތްﷲއަށް އިސްތިޣުފާރު ކުރުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، ޚުތުބާގައި ވަނީ، ހެެޔޮ ކަމެއް ކުރެވިއްޖެނަމަ، އެ ޢަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭކަން ފާހަގަކޮށްފައެވެ. ނަމަވެސް، ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް ދެކިގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާ ނިންމާލީ، މި ރޯދައަށް ފަހުގައި ހެޔޮ އަމަލުތައް ކުރުން މަތީގައި މުސްލިމުން ދެމިތިބުމުގެ ތައުފީގު ދެއްވުމަށާއި ސުވަރުގެ ވަންތަވެރީން ކަމުގައި ލެއްވުން އެދި ދުއާ ކުރަމުންނެވެ.



