spot_img

މި އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި

މި އަހަރުގެ ޖޫން ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބޭއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެވޭނެ އެއްވެސް ހާލަތެއް މިވަގުތު އިރާނަށް ނެތް ކަމަށް އެގައުމުގެ ކުޅިވަރު މިނިސްޓަރު، އަހުމަދު ޑޮންޔަމާލީ ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާނުގެ ތިން މެޗު ވެސް އޮތީ އެމެރިކާގެ ފަސްގަނޑުގައެވެ. އެއީ ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލަންޑާ ދެކޮޅަށް، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް، އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އިރާނުގެ ޓީމަށް އެމެރިކާ އަށް ދަތުރުކުރާނެ ކަމާ މެދު ކުރިން ވެސް އޮތީ ސުވާލު އުފެދިފައެވެ.

”އެމެރިކާގެ ކޮރަޕްޓު ސަރުކާރުން ވަނީ އަހަރުމެންގެ ލޮބުވެތި ލީޑަރު އަވަހާރަކޮށްލައިފަ. އަހަރުމެންގެ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަމަ އެއްގޮތް ވެސް މި ދަނޑިވަޅަކު ނެތް،“ އިރާނުގައި ގައުމީ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަވީ ހަނގުރާމަ ފެށި ދުވަހު ދިން ހަމަލާއެއްގައެވެ. ހާމަނާއީގެ ބަދަލުގައި އިރާނުން ވަނީ ސުޕްރީމް ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އައްޔަންކޮށްފައެވެ.

އޭޝިއާގެ ކޮލިފައިންގެ އެއްވަނަ ހޯދައިގެން، ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދި އިރާންގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް ވެސް ވިދާޅުވީ، އިޒްރޭލުންނާއި އެމެރިކާއިން ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން، ވޯލްޑް ކަޕާ މެދު ވިސްނައި އުއްމީދުކުރުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ބުނީ އިރާނުން ވޯލްޑް ކަޕްގައި ނުކުޅުނަސް އޭނާއަށް ހެޔޮ ކަމަށެވެ. އެހެން ނަމަވެސް ޓްރަމްޕް އިރާންގެ ގައުމީ ޓީމަށް މަރުހަބާ ކިޔާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަނީ ބުނަމުންނެވެ.

އިރާނުން ވޯލްޑް ކަޕަށް ނުދާން ނިންމިއިރު ފީފާއިން އަދި ރަސްމީ އެއްޗެއް މިކަމުގައި ބުނެފައެއް ނުވެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް