ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްއިން ބޭސް އެތެރެކުރަން ފަށައި، މިހާރު އެ ބޭސްތައް ރަށްރަށަށް ފޮނޮވުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ހާއްސަ ބަޔަކު އުފެދިފައިވާ ކަމަށާއި، މިހާރު އެ ކުންފުނީގެ މަސައްކަތް ފެށިގެން ދަނީ ކުރިއަށް ކަމަށެވެ.
އަދި އެ ކުންފުނިން ވަރަށް އަވަހަށް ކުރިއެރުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދޭނެ ކަމަށާއި، މިހާރު ބައެއް ބޭސްތައް ކުންފުނިން އެތެރެކޮށްގެން ރަށްރަށަށް ފޮނުވަމުންދާ ކަމުގައި ވެސް ނާޒިމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްވަނީ އައްޔަންކުރައްވައިފައެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.



