- Advertisement -spot_img

ރައީސްގެ ތާއީދު އޮތީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ތާޢީދު ކުރައްވަނީ ހަމައެކަނި ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލައްވަމުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ވަނީ މާލޭގެ ހުރިހާ ދާއިރާއެއްގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. އަދި ވިލިމާލޭގައި ވެސް ވަނީ ދޮރުން ދޮރަށް ހިންގަވާފަ އެވެ. މިއަދު ވަނީ ހުޅުމާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވާފައެވެ.

ރައީސް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތަށް ފަހު މިހާތަނަށް މީޑިއާތަކަށް އެއްޗެއް ވިދާޅުނުވާ ކަމަށާ ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާ އިން ކަމެއް ފާހަގަވުމުން ރައްޔިތުންނަށް ސާފުކޮށް ދެއްވަން ބޭނުންފުޅުވީ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ޒިޔާރަތް ކުރެއްވި ގޭގެއިން އެ ދާއިރާގައި އެމަނިކުފާނުގެ ތާޢީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަަމަށް އެ ކެންޑިޑޭޓު ބުނެފައިވާތީ އެކަން ސާފުކޮށްދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނު ހަމައެކަނި ތާޢީދު ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރާ ކަމަށެވެ. އެމަނިކުފާނަކީ ޕާޓީގެ ނިޒާމު ޤަބޫލުކުރާ ބޭފުޅެއް ކަމަށާ އެެހެން ކަމުން އެފަދަ ދޮގު ވާހަކަތައް އެއްވެސް ރައްޔިތަކު ޤަބޫލުނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

”ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު ތާޢީދުކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓްގައި. ޚާއްސަކޮށް މި ދާއިރާގައި (ހުޅުމާލެ ދެކުނު ދާއިރާ) އަށް ނިކުމެ ހުރި އެމްޑީޕީ ކެންޑިޑޭޓަށް އަޅުގަނޑު ތާޢީދު ކުރާ ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް އިނގޭތޯ. އަޅުގަނޑުގެ ތާޢީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި. ޕީއެންސީ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުންނަ ކެންޑިޑޭޓަކަށްވިޔަސް އެމްޑީޕީ ޓިކެޓްގައި ހުރި ބޭފުޅަކަށް ވިޔަސް އަދި އެއްވެސް އެހެން ބޭފުޅެއްގެ ޕާޓީއެއްގެ ޓިކެޓްގައި ހުރި ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާޢީދެއް ނޯންނާނެ,“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން އެމަނިކުފާނުގެ ފުރިހަމަ ތާޢީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށެވެ. އެ ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް