- Advertisement -spot_img

އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓަން އެމްޕީއެލްއާއި ހަވާލުކޮށްފި

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓަން ހެލްތު މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު ރޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނާއި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. ރޭގެ ރަސްމިއްޔާތުގައި އިތުރު 14 ރަށަކަށް ވެސް އާ އެމްބިއުލާންސްތައް ހަވާލުކޮށްފައިވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވާ ގޮތުގައި، ބައެއް ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތުނުކޮށް ގިނަ ދުވަސްވުމުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެ އެވެ. ހަލާކުވެފައިވާ ރަށްރަށަށް ދޭތެރެ ދޭތެރެ އިން އާ އެމްބިއުލާންސްތައް ފޮނުވަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. ހެލްތު މިނިސްޓްރީން ބުނީ ހަމައެކަނި ޖެނުއަރީ މަހުގެ ތެރޭގައި 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ވެސް އިތުރު އެމްބިއުލާންސްތައް ހަވާލުކުރާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޕީއެލްއާއެވެ.​​​​​​​​​​​​​​​​

ގުޅުންހުރި ލިޔުންތައް