ރާއްޖޭގެ ހުރިހާ ސްކޫލަކުންވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން މިއަދު ވަނީ ސްކޫލްގަކުގައި ކުރިއަށްގެންގޮސްފައެވެ.
މި އަހަރު މުޅި ރާއްޖޭގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި 96,000 ކުދިން ތަޢުލީމު ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި 40,300 އަންހެން ކުދިންނާއި 42,700 ފިރިހެން ކުދިން ހިމެނެއެވެ. އަދި ސަރުކާރުގެ ސްކޫލްތަކުގައި ޖުމްލަ 12,662 ޓީޗަރުން މަސައްކަތްކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، މިފަހަރުގެ ބޮޑު ޗުއްޓީ ދިމާވަނީ ބަރަކާތްތެރި ރަމަޟާން މަހާއެވެ. އަދި ޗުއްޓީ ނިންމާ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ ފެށޭ ރޯދަމަސް ނިންމައި, އޭޕްރީލު މަހުގެ 7 ވަނަ ދުވަހެވެ.
އެއަށްފަހު އޭޕްރީލް 7 ގައި ފަށާ ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ. އަދި 2026 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހުގެ 27 ގައި ފެށޭގޮތަށް އެކެޑެމިކް ކަލަންޑަރަށް މިސަރުކާރުން ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.
އެހެންކަމުން މީގެ ކުރިން އާންމު އުސޫލެއްގެ ގޮތުން ބޮޑު ޗުއްޓީ ޑިސެމްބަރު މަހާއި ދިމާވާ ގޮތަށް 2026 ގެ ދިރާސީ އަހަރުން ފެށިގެން އަނެއްކާވެސް ބަދަލުވެގެން ދާނެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެއަށް ބަދަލުކުރީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ވިދިގެން ތައުލީމީ ދާއިރާގެ ކަންކަމަށް ގެންނަން ޖެހުނު ބަދަލުތަކާ ގުޅިގެން 2021 ގަ އެވެ.
ދިރާސީ އާ އަހަރު ޖެނުއަރީ އަށް ބަދަލުކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީއަކީ ދަރިވަރުންނާއި މުދައްރިސުންނަށް މުހިންމު ދުވަސްވަރެކެވެ. މި މުއްދަތުގައި ދަރިވަރުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި ކިޔެވުމުގެ ބުރަ މަސައްކަތުން ވަގުތީ ހުސްވަގުތުކޮޅެއް ލިބި، އަމިއްލަ ޝައުޤުވެރިކަން ހުރި ކަންކަމުގައި ބައިވެރިވުމަށްވެސް ލިބޭ ފުރުޞަތު ލިބެއެވެ.
އެހެންކަމުން މި ލިބުނު ޗުއްޓީއަށް ހުރިހާ ދަރިވަރުންނަށާއި، ޓީޗަރުންނަށާއި، ސްކޫލްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއި ހީވާގި ބެލެނިވެންނަށް މަރުހަބާ އަދާކުރަމެވެ. އަދި ކުރިޔަށް އޮތް އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނާއި ދަރިވަރުން ތައްޔާރުކުރުމަށް ނަސޭހަތްތެރިވަމެވެ.



