ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓު، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ޖެހޭ މަޝްރޫއުތަކާއި ހަދަން ނުޖެހޭ މަޝްރޫއުތައް އަލުން ކަނޑައަޅައި ގަވާއިދަށް ބަދަލު ގެނެސްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އެ ގަވައިދުގައިވާ ގޮތުން މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް މީގެ ފަހުން އީއައިއޭ ހަދާކަށް ނުޖެހޭނެއެވެ. އޭގެ އިތުރުން ވެސް އީއައިއޭ ހަދަން ނުޖެހޭ 25 މަޝްރޫއެއް ވަނީ ހިމަނައިފައެވެ.
އީއައިއޭ ނުހަދައި ކުރިއަށްގެންދެވޭނެ މަޝްރޫއުތައް:
- ތަރުކާރީ އާއި މޭވާ އަޅާ ގަސްގަހާގެހި ނުވަތަ ވެށި ފެހިކުރުމަށާއި ޒީނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރާ ގަސްގަހާގެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުން ހުއްދަ ގަސްގަހާގެހި، އަމިއްލަ ގެދޮރާއި ދައުލަތުގެ އިމާރާތްތަކާއި އޮފީސް އޮފީހާއި އާންމު ހިދުމަތްދޭ ތަންތަނުގައި ހެއްދުން.
- އާންމު ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން.
- ރާއްޖެއަށް އެތެރެކުރުން ހުއްދަ މަސްމަހާމެހި، ނައަމްސޫފި، ކުކުޅު، ދޫނި، އަމިއްލަ ގެދޮރުގައި ގެންގުޅުން.
- ދުވާލަކު ފަސް ޓަނަށްވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުން.
- މިހާރު ހިނގަމުންދާ ފެން ޕްލާންޓް ހައުސްއެއްގައި އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅައި ލޮނުފެން މީރު ފެނަށް ހަދާ ޕްލާންޓް ބެހެއްޓުން.
- 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުން.
- ލަކުޑިން އޮޑިދޯނިފަހަރު ބަނުން.
- ކަމާގުޅޭ އިދާރާއިން ވެލި ނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންނުކޮށް ވެލި ނެގުން.
- އެންކޮށި ބެހެއްޓުން.
- ފަޅުތެރެއިން ސަރަހައްދެއް މެޝިނަރީ ބޭނުންކޮށްގެން ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ މަސައްކަތްކުރުން.
- ގަސް ބެލެހެއްޓުމުގެ ގޮތުން ނުވަތަ އާންމު އުނދަގުލަކަށް މަގުފަހިވެފައި ވާތީ (ދިޔަދޮވި، ފުރާޅު އަދި ފެންތާންގިއަށް ފަތްކުނި އެޅޭ) ގަސްގަހާގެހި ކޮށުން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ނެގުން.
- ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނުވާ ރަށްރަށުގައި މޫދަށް ހޮޅި އަޅައިގެން ނަޖިހާއި ނަޖިސްފެން ބޭރުކުރުން.
- ރަށް ގިރުމުގެ ސަބަބުން ގޯތިގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
- ރުއްގަސް ނުކަނޑައި އެއްގަމުގައި ވަގުތީ ޖިފުޓި (ހަޓު) ހެދުން.
- މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ތެރެއިން 5,000 އަކަފޫޓަށްވުރެ ކުދި، ފޯދިފައިވާ ރުއްގަސް ނެތް ބިންތަކުގައި ދަނޑުވެރިކަން ކުރުން.
- އަސްލަށް ބަދަލު ނާންނާނެ ގޮތަށް އެއްގަމު ތޮށްޓާއި ބޭރުތޮށްޓާއި ފާލަން މަރާމާތުކުރުން.
- އޮއި ދެމޭގޮތަށް އަޅާ ފާލަންތަކާއި ޕްލެޓްފޯމްތައް އެޅުން.
- އިމާރާތްކޮށް ނިމިފައިވާ ތަންތަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން.
- ބިންހިއްކުމާއި ރުއްގަސް ކެނޑުން ފަދަ ތިމާވެއްޓަށް އަސަރުކުރާ ކަންކަން ނުހިމެނޭ ގޮތަށް ޖަހާ ޓަވަރާއި އެންޓަނާ ފަދަ ތަކެތި ޖެހުން.
- އީއައިއޭ އެޕްރޫވް ކުރުމަށްފަހު މޫދަށް އަޅައިފައިވާ ހޮޅި މަރާމާތުކުރުން.
- ކުއްލި ހާލަތެއް ދިމާވުމުން ފަރުދުންގެ ފުރާނަ އާއި ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ވަގުތީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
- ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތައް.
- ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުން.
- މަގު ހެދުމުގެ މަޝްރޫއުތައް.
- ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ އަލަށް ތަރައްގީކުރާ އިރު، އެތަނުގައި ފުރަތަމަ ގާއިމުކުރަން ޖެހޭ ގުދަނާއި އެކޮމޮޑޭޝަން ބްލޮކާއި ކޮމިއުނިކޭޝަން ޓަވަރު އެޅުން.
ކޮންމެހެން އީއައިއޭ ހެދުން ލާޒިމުވާ 31 ބާވަތެއްގެ މަޝްރޫއު ވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ފަޅު ކޮނުމާއި ބަނދަރު ހެދުމާއި އެއާޕޯޓު ހެދުމާއި ނަރުދަމާގެ މަޝްރޫއުތަކާއި 50 އެނދަށްވުރެ ބޮޑެތި ހޮސްޕިޓަލުތައް ހެދުން އަދި ރިސޯޓު ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.
ކޮންމެހެން އީއައިއޭ ހެދުން ލާޒިމުވާ 31 މަޝްރޫއު:
- އެއްވެސް ގަވާއިދެއްގައި ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން.
- ކޮމާޝަލް އެކުއަކަލްޗާ މަޝްރޫއުތައް.
- ކޮމާޝަލް މަސް ޕްރޯސެސް ކުރުމުގެ މަޝްރޫއުތައް.
- 500 އަކަމީޓަރަށްވުރެ ބޮޑެތި މަސްނޫއީ ފަރުތައް ހެދުމުގެ މަޝްރޫއުތައް.
- ދަނޑުވެރިކަމާބެހޭ މަޝްރޫއުތައް (އެއްފަރާތަކުން ހިންގާ އެއް ހެކްޓަރަށްވުރެ ބޮޑެތި ދަނޑުތައް).
- ކުކުޅާއި ނައަމްސޫފި ފަދަ، ދިރޭތަކެތީގެ ކޮމާޝަލް ފާމްތައް.
- ފަޅު ކޮނުމާއި ބަނދަރު ހެދުން (މީގެ ތެރޭގައި މިހާރު ހުރި ބަނދަރުތަކުގެ ސައިޒަށް ބަދަލު ނާންނަގޮތަށް މަރާމާތުކުރުމެއް ނުހިމެނޭ).
- ނެރުތައް ކޮނުމާއި ކެނޑުން (މީގެ ތެރޭގައި މިހާރު ހުރި ނެރުތަ ކުގެ ސައިޒަށް ބަދަލު ނާންނަގޮތަށް މަރާމާތުކުރުމެއް ނުހިމެނޭ).
- އޮއި ނުދެމޭ ފާލަން އެޅުމާއި، އެއްރަށް އަނެއް ރަށާ ގުޅައިލުމަށް އެޅޭ ފާލަންތަކާއި މަގުތަކާއި ބްރިޖު ފަދަ ތަންތަން ހެދުން.
- ބިން ހިއްކުން.
- ތޮށިލުމުގެ މަޝްރޫއުތައް.
- ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަޝްރޫއުތައް.
- މެޝިނަރީ ބޭނުންކޮށްގެން ވެލި ނެގުން.
- އެއާޕޯޓް އެޅުމާއި، އެ ތަނުގެ ފުޓްޕްރިންޓަށް ބަދަލު އަންނަ ކޮންމެ ކަމެއް ކުރުން.
- ހެލިޕޭޑު ހެދުން.
- ކަނޑަށް ޖައްސާ ބޯޓުގެ ހަބް ހެދުން.
- ތަކެތި އުފައްދާ ނުވަތަ ބަންދުކުރާ ކާރުހާނާ އެޅުން (އިނީޝަލް އިންވެސްޓްމަންޓް 15 މިލިޔަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއުތައް).
- ކުނިއަންދާ މެޝިން (10 ޓަނު ނުވަތަ އެއަށްވުރެ ބޮޑު) ގާއިމުކުރުން.
- ކުނިއަޅައިގެން ލޭންޑްފިލް ހެދުން.
- ކުނި މެނޭޖުކުރުމުގެ ސަރަހައްދީ މަރުކަޒު ގާއިމުކުރުން.
- މެޓީރިއަލް ރިކަވަރީ ފެސިލިޓީ ގާއިމުކުރުން.
- ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ގާއިމުކުރުން.
- ބޯފެން ފޯރުވައިދޭ ނެޓްވޯކް ސިސްޓަމްތައް ގާއިމުކުރުން.
- ނަރުދަމާގެ މަޝްރޫއުތައް.
- މޫދަށް ހޮޅިއެޅުން.
- އެއް މެގަވޮޓަށްވުރެ ބޮޑެތި އިންޖީނުގެތައް އެޅުން ނުވަތަ އެއް މެގަވޮޓަށް ވުރެ ބޮޑެތި އިންޖީނުގެއެއްގެ ފުޓް ޕްރިންޓަށް ބަދަލު އަންނަގޮތަށް ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުން.
- ތެލާއި ގޭސް ބެހެއްޓުމާއި ގެންގުޅުމާއި ބިމުން ނުވަތަ ކަނޑުގެ އަޑިން ތެޔޮނެގުމާއި، ތެޔޮ ސާފުކުރުމާބެހޭ މަސައްކަތް ހިންގާ ތަންތަން ހެދުން.
- ދިހަ ޓަނަށްވުރެ ބޮޑެތި، ފެން ނުވަތަ ގަނޑުފެން އުފައްދާ މެޝިން ބެހެއްޓުން (މީގައި މިހާރު ހިނގަމުންދާ ފެން އުފައްދާ ޕްލާންޓް ހައުސްއެއްގައި ފުޓްޕްރިންޓަށް ބަދަލު ނާންނަ ގޮތަށް އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅާ މެޝިން ބެހެއްޓުމެއް ނުހިމެނޭ).
- ހޮސްޕިޓަލު ހެދުން (50 އެނދަށް ވުރެ ބޮޑު).
- ޓޫރިސްޓް ރިސޯޓް ތަރައްގީކުރުން.
- ޓޫރިސްޓް ހޮޓާ ތަރައްގީކުރުން.



