އިޓާލިއަން ސެރީއޭގައި ރަށުން ބޭރުގައި އިންޓަ މިލާނާއި އޭސީ މިލާން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އޭސީ މިލާނުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕަރވިސް އެސްޓޫޕިނަން އެވެ. މިއީ އުމުރުން 28 އަހަރުގެ ޑިފެންޑަރު އޭސީ މިލާންގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން އޭސީ މިލާނަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އިންޓަ މިލާނުން ލީގުގައި ކުޅުނު 28 މެޗުން ހޯދި 67 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ލީގުގައި އޭސީ މިލާނަށް ކުރިއަށް އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލާޒިއޯ އާއި ދެކޮޅަށް ކުޅޭމެޗެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނުން ނުކުންނާނީ އެޓަލާންޓާއާއި ދެކޮޅަށެވެ.



