މާދަމާ 4000 ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް ރަމަޟާން މަހުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކުރައްވާނެ ކަމަށެވެ. އެހެންކަމުން މާދަމާގެ ވަގުތެއްގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގައި ރޯދައިގެކުރިން 4000 ފްލެޓުގެ ލިސްޓު އިޢުލާންކުރާނަމޭ. ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީއިން ބާއްވާ ޕްރެސް ކޮންފަރަންސަކަށްފަހު އެ ލިސްޓު އަޅުގަނޑުމެން އިޢުލާނުކުރާގޮތަށް އޮތީ ހަމަޖެހިފައި“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފްލެޓް ލިސްޓު އާންމުކުރާއިރު ހުރިހާ ތަފްސީލެއްވެސް ވަރަށް ހާމަކަންބޮޑު ގޮތެއްގައި ފެންނަން ހުންނާނެކަމަށެވެ. އަދި މިކަމުގެ އިތުރު ތަފްޞީލު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލިބިގެންދާނެކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ވަޢުދުކަމަށެވެ. އެހެންކަމުން އެވަޢުދު އެމަނިކުފާނު ފުއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް މާލެއާއި އަތޮޅުތަކުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއްހުރީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އެގޮތުގައި ފުއްދުމަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ތަރައްޤީގެ ކަންކަން ބާރު ދުވެލީގައި ކުރިއަށްދާނެ ދުވަސްތަކަކށް ވެގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަމަވުން ރައީސް ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއްގެ ގޮތުގައި މި ސަރުކާރުން ދެކޭކަމަށެވެ. އަދި އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް އެންމެ ބޮޑު ރަށުގައި ދިރިއުޅޭ ރައްޔިތެކޭ އެންހަމަ ރައްޔިތެއްކަމަށާއި ޚިދުމަތް ދިނުމުގައިވެސް މި ޢަދަލުވެރިކަމާއި އިންސާފުވެރިކަން ޤާޢިމުކުރަން ބޭނުންވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެއެފެއެވެ.



