- Advertisement -spot_img

ދ. ހުޅުދެލި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހުޅުދެލި ޕްރީ ސްކޫލުގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ހުޅިދެލި ކައުންސިލުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އެރަށު ޞިއްޙީ މަރުކަޒުގައި ވަޞީލަތް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސްއަށް ވަނީ ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ވޭސްޓް މެނޭޖްމަންޓް ނިޒާމެއް ބޭނުންވާކަމަށާއި، މަގު ހެދުމަށް ބޭނުންވާކަމަށާއި، އައު ކައުންސިލް އިދާރާއެއް ބޭނުންވާކަމަށާއި، އަދި ސްލިޕްވޭ އެއް ބޭނުންވާ ކަމަށް ރައީސްއަށް ދަންނަވާފައެވެ.

މީގެ އިތުރުން ސުކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ކޯޓުގެ ޖާގައިގެ ދަތިކަމާއި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ތަފްޞީލީ ގޮތެއްގައި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ މިބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ހުޅުދެލީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު މުއައްސަސާތަކުގެ ވެރިންނަށް ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބެންކް އޮފް މޯލްޑިވްސްއިން އެރަށުގައި އަލަށް ޤާއިމުކުރި އޭ.ޓީ.އެމް ހުޅުވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް