- Advertisement -spot_img

ދ. ރިނބުދޫ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. ރިނބުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރިނބިދޫ ސްކޫލްގައި ކުރިޔަށް ގެންދިޔަ މިބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އެރަށު ސުކޫލާއި، ޞިއްޙީ މަރުކަޒު އަދި މިސްކިތުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވަނީ އެދިފައެވެ. އަދި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރިއެވެ.

މީގެއިތުރުން ކައުންސިލުން ވަނީ ރަށުގެ ޒުވާނުން ސްޕޯޓްސް ފިޝިންގ އަށް ޝައުޤުވެރިކަން ހުންނަކަން ފާހަގަކޮށް، އެރަށުގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ސްޕޯޓްސް ކަނދުފައްޗެއް ރަށް ކައިރީގައި ޤާއިމުކޮށްދެއްވުމަށް އެދިފައެވެ.

މިއަދު ހެނދުނު ކުރިޔަށްދިޔަ މިބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ބަޖެޓުގެ ދަތިކަން ހުރުމުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. މި ކަމަށް އިޝާރާތް ކުރައވައި ރައީސް ވިދާޅުވެފައިވަނީ އެ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކުރެއްވޭނެކަންކަން ބައްލަވާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރިނބުދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު މުއައްސަސާތަކުގެ ވެރިންނަށް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރިނބުދޫގައި ބެންކް އޮފް މޯލްޑިވްސްއިން އަލަށް ޤާއިމުކުރި އޭ.ޓީ.އެމް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރިނބުދޫގައި އަލަށް ޤާއިމުކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް