މިހާރު އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ މައްޗަށް، ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢާމިރު ހިންގެވި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރްޕީގެ އެކި ހަރަކާތްތައް ވީޑިއޯ ކުރުމާއި، އެޑިޓް ކުރުމާއި އަދި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތް މައްސަލައެކެވެ.
މި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 16.3 މިލިއަން ރުފިޔާ އަރާފައި އޮތް ނަމަވެސް، ހައި ކޯޓުން ވަނީ ޖޫރިމަނާ އެއްކޮށް އުނިކޮށް، ހަމައެކަނި ޚިދުމަތުގެ އަސްލު އަގު ނަގައިދިނުމަށް ނިންމާފައެވެ. މި ނިންމުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.
އެހެންކަމުން އަޙްމަދު ޢާމިރުގެ ފަރާތުން މި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ސިޔާސީ ޕާޓީއެއްގެ ޝަރުޠުތައް ފުރިހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީ އުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުތައް ބުނާގޮތުން ޕާޓީއެއް އުވާލާއިރު ހުންނަ ދަރަންޏަށް ޒިންމާވާންޖެހޭނީ އެ ޕާޓީއެއް އުވާލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހެކެވެ.
މި މައްސަލާގައި ޖަވާބުދާރީވުމަށް ކާނަލް ނަޝީދަށް ފުރުޞަތު ދިން ނަމަވެސް، އޭނާގެ ފަރާތުން ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ނަޝީދުގެ ޣައިރު ހާޒިރުގައެވެ. ކޯޓުގެ ހުކުމުގައިވަނީ 4.04 މިލިއަން ރުފިޔާ 14 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާޞްކުރުމަށެވެ.



