ނިލަންދެ އަތޮޅު ދެކުނު ބުރީގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ރޭގައި ޢިއުލާން ކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ނިލަންދެ އަތޮޅު ދެކުނު ބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ފައްޓަވާފައިވާ ފައްޓަވާފައިވާ ދަތުރުފުޅުގައި ރޭގައި އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
މީގެ ކުރިން ދ. އުއްދޫއަކީ އަމިއްލަ ފަރާތަކުން ވިޔަފާރީގެއުސޫލުން ބޭނުންކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. އެހެންކަމުން މިރަށް މިހާރު ހަވާލުކުރައްވާފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަމާ ގުޅުން ހުރި އިތުރު ތަފްސީލުތައް، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، އިޢުލާންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިރަށަށް ދަތުރު ދިޔުމަށް ޢަމަލު ކުރަންޖެހޭ ގޮތްވެސް އެ ވުޒާރާއިން އާންމު ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.