- Advertisement -spot_img

މިއީ ތަޤުވާވެރިވުމާއި ތައުބާވުމުގެ މަތިވެރި މައްސަރެއްކަން ޚުޠުބާގައި ހަނދާންކޮށްދީފި

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ގުނަމުންދާއިރު، މިއީ ތަޤުވާވެރިވުމާއި ތައުބާވުމުގެ މަތިވެރި މައްސަރެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ އަގުހުރި ނަސޭހަތްތަކެއް ދީފައެވެ.

ޚުޠުބާގައި ބާރުއަޅާފައިވަނީ ކުރެވިފައިވާ ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑު ފާފައަކަށް ވިއަސް، އިޚުލާޞްތެރިކަމާއެކު މާތް ﷲގެ ޙަޟުރަތުގައި ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށެވެ.

“ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައެވެ. ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެއެވެ.“ ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް މާތް ﷲ މަތިވެރިކުރެއްވީ އެތައް ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ރޯދައިގެ މަތިވެރި އަޅުކަން ފަރުޟުކުރެއްވުން ހިމެނެއެވެ. އަދި މި މަހުގައި ކުރާ ހެޔޮ އަމަލުތަކަށް ދެއްވާ ޖަޒާ އިތުރުވެގެންވާކަންވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ތައުބާވުމުގެ މާނައަކީ ކުރެވިފައިވާ ފާފަތަކުން އެއްކިބާވެ، އެކަމާ ހިތާމަކޮށް، ދެން ދުވަހަކުވެސް އެފަދަ ކަމަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤު އަދާކުރުމާއެކު ތައުބާވުމަކީ ލާޒިމްކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އެކަލާނގެ ރަޙުމަތުން އުންމީދު ކަނޑާނުލުމަށާއި، ހަމަކަށަވަރުން ﷲ އީ އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެ ކަމަށެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ އަކީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފައާއި ފަހުން އަންނަން އޮތް ފާފަ ފުއްސަވާފައިވާ ބޭކަލަކަށް ވީހިނދުވެސް، ދުވާލަކު ހަތްދިހަ ފަހަރަށްވުރެ ގިނައިން ތައުބާވެވަޑައިގަންނަވައެވެ. މިއީ މުސްލިމުންނަށް އޮތް މަތިވެރި ނަމޫނާއެކެވެ.

ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީވެސް ތަޤުވާވެރިވުމެވެ. އެހެންކަމުން، މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ.

މި މައްސަރުގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ކީރިތި ރަސޫލާ ﷺ ގެ އާދަފުޅުތައް ދަސްކުރުން މުހިންމެވެ. އެކަލޭގެފާނަކީ ރަމަޟާން މަހުގައި އެންމެ ދީލަތި ބޭކަލެވެ. އަދި ޖިބްރީލްގެފާނާއެކު ޤުރްއާން މުދާރަސާކުރައްވައި، ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ. ރަމަޟާން މަހުގެ ރޭތަކުގައި އީމާންކަމާއެކު ސަވާބަށް އެދި ރޭ އަޅުކަންކުރާ މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާނޭކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދެއްވާފައެވެ.

ޚުޠުބާގައި ގޮވާލާފައިވަނީ، ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރަކަށް ވީހިނދު، މި ފުރުޞަތުގެ ބޭނުން ހިފައި ގިނަގިނައިން ދުޢާކޮށް، ތައުބާވެ، ހެޔޮ އަމަލުތައް އިތުރުކުރުމަށެވެ. އަދި އަމިއްލަ ނަފުސުގެ އިތުރުން އަހުލުވެރިންވެސް ރޭ އަޅުކަމަށް ހޭނުވުމަށް ނަސޭހަތްތެރިވިއެވެ.

ގުޅުންހުރި ލިޔުންތައް