- Advertisement -spot_img

ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް

ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓްގެ ކެންޑިޑެންސީއާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު، އެ މަގާމު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ކަށަވަރުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބުގައި ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅި އެ ރަށު ރިނދަލިގެ، ޢަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމުމުން އޭނާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ ކޯޓުން އެ މައްސަލައިގައި ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށެވެ.

އެ ހުކުމާ ގުޅިގެން، އީސީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުޠު ހަމަވެފައިވަނީ، އެންމެ މީހެއްގެ ކަމަށެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އަދި ގުރައިދޫ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް އިބްރާހީމް ޝަލީޒްގެ އެވެ.

އެހެންކަމުން އޭނާ އެ މަގާމަށް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށް އީސީގެ އިއުލާނުގައިވެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު އޮތްއިރު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނަން ތަރުތީބު ކުރުމާ ހަމައަށް އޮތީ ހުޅުވާލާފަ އެވެ. އެގޮތުން އިންތިހާބަކާ ނުލައި ޕީއެންސީން މިހާތަނަށް 69 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް