މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އެސެންޝަލް މެޑިސިން ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ ބޭހެއް އަންނަ މާރިޗު 15 އިން ފެށިގެން ލިބެން ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކުގެ ރަށްޔިތުންގެ އަރިހަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭގައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރިލް 15 ވަނަ ދުވަހުން ފެށިގެން ލިބޭނޭކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
މިމަސައްކަތްކުރާނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ކަމަށްވެސް ރައީސް ވަނީ ރޭގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން ނިމުމަކަށް ގެނެވިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ފަހަކަށް އައިސް ރާއްޖޭގައި ކުރިމަތިވި ބޭހުގެ ދަތިކަމަކީ، ސީދާ މި ކަމުގެ ސަބަބުން ކުރިމަތިކުރުވި ދަތިކަމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން، ރައްޔިތުންނަށް މިގޮތަށް ދަތިކުރުމުގެ ފުރުޞަތު މި ސަރުކާރަކުން ނުދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



