ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާޢީލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވައިފިއެވެ.
އެއްތިރީސް އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވިކަން ނަވީން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ.
ޚިދުމަތުން ވަކިވެވަޑައިގެންނެވި ނަމަވެސް ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރާއި ލޯބި އެގޮތުގައި ދެމި އެބައޮތް ކަމަށް ނަވީން ވިދާޅުވިއެވެ. އަދި ޤައުމަށް އޮތް ލޯބި އެގޮތުގައި ދެމި އެބަ އޮތް ކަމުގައި ވެސް ވިދާޅުވިއެވެ.
ނަވީން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގައި ޚިދުމަތް ކުރުމަކީ ލިބުނު ފަޚުރެކެވެ.
ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްރީލް 25, 2025 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ.



