ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރަން ނިންމަވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި، އެކަން ރަސްމީކޮށް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަންގަވާފައެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، މުޒާހަރާތައް ހޫނުވެފައި އޮއްވައެވެ.
ނަވީނާ އެކު ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.
ކޮމިޝަނަރު ކަމަށް އައްޔަން ކުރުމުގެ ގޮތުން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ އޭޕްރީލް މަހުން ފެށިގެން ހަވާލުވެ ހުންނެވީ ވެސް ނަވީންއެވެ.



