ދ. މާއެނބުދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތަށް ފުޅާކުރުމަށް އެޅި، އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިއަދު މި އިމާރާތް ހުޅުވާދެއްވާފައިވަނީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މާއެނބޫދޫގައި އަލަށް ޤާއިމްކޮށްފައިވާ ސިއްޙީ މަރުކަޒުގެ ބައި ހުޅުއްވައި ދެއްވާ އެމަނިކުފާނު ވަނީ އެތަން ބައްލަވާ ލައްވާފައެވެ.
މާއެނބޫދޫ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ މަރުކަޒުގެ އަލަށް އިތުރުކުރި ބައިގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި އޮފީސްތަކާއި ގަރާޖަކާއި ލޯންޑްރީ ތަންތަނާއި މެޑިކަލް އަދި ނޮން މެޑިކަލް ސްޓޯރޭޖް އޭރިއާތަކާއި ކޮންފަރެންސް ހޯލެއް ގާއިމްކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއިމާރާތަކީ އެ މާއެނބޫދޫ ސިއްހީ މަރުކަޒުން މިހާރު ޚިދުމަތް ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މި މަޝްރޫއުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް އިތުރުވެ، ރަނގަޅު ވަސީލަތްތައް ފޯރުކޮށްދީ، ހިދުމަތްދޭ ގަޑިތައް އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
މި އިމާރާތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެއެވެ. މީގެ އިތުރުން ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް މި ސިއްހީމަރުކަޒުގައި ޤާއިމްވެފައި މިހާރު ހުންނާނެއެވެ.



