ހޮނިހިރު, ފެބްރުއަރީ 14, 2026
spot_img
- Advertisement -spot_img

މާޗް މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސް މީޑިއާތަކާ ބައްދަލުކުރައްވަނީ

އަންނަ މާޗު މަހުން ފެށިގެން، ކޮންމެ ހޯމަ ދުވަހަކު މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އިސްލާމީ މުޖުތަމައެއްގައި ހިފަހައްޓަން ޖެހޭނެ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތު ފުރިހަމަ، ތެދު ޚަބަރު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ.

އެ ހައްގު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މިދިޔަ އަހަރު 40 މީޑިއާއަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން މީޑިއާތަކުން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހޭތީ، ކުޑަ އަގެއްގައި ތިބެވޭނެ މީޑިއާ ވިލެޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މީޑިއާއާ މައުލޫމާތު ހިއްސާކުރުމަށް ވެސް މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށް ޓަކައި މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން އިރާދަކުރެއްވިއްޔާ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެދުނު 10:00އިން 11:00އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ މާޗް މަހުން ފެށިގެން ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް