މާދަމާއިން ފެށިގެން މާލޭގެ 13 ސަރަހައްދަކުން ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ރަމަޟާން މަހު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިނުމަށް ވައުދުވެލެއްވި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށާފައިވަނީ ރޭގައެވެ.
ރޭގައި ޖުމްލަ 9394 މަސްދަޅުކޭސް މާލޭ ސަރަހައްދުގައި ބަހާފައިވާ ކަމަށާއި އެގޮތުން 582 ކޭސް ވިލިމާލޭގައި ބަހާފައިވާއިރު އެމްޓީސީސީ ސޯމިލް ގައި 2083 ކޭސް ބަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި ހިޔާ ފްލެޓް 10 ސަރަހައްދުގައި 1555 ކޭސް ބަހާފައިވާއިރު އުމަރު ޒާހިރު ބިލްޑިން ގައި 1508 ކޭސް ބަހާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ ބަޔަކު މަސްދަޅު ކޭސް ހޯދުމަށް ދިގު ކިއުތަކެއްގައި އެތައް އިރަކު ތިބެން ޖެހުމުން ސަރުކާރުން ވަނީ މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ރޭގައިވަނީ ފަށާފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިގޮތުގައި މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި 13 ތަނެއްގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން މާދަމާއިން ފެށިގެން މަސްދަޅު ކޭސް ލިބެން ހުންނާނީ:
ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑި ބަރި ކައިރި
ސޯޝަލް ސެންޓަރު
ހެންވޭރު ދަނޑު
މިފްކޯގެ އޮފީސް ހުންނަ ސަރަހައްދު
އެމްޓީސީސީ ސޯމިލް
ވިލިމާލެ ވެމްކޯ ސައިޓް
ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން
ހުޅުމާލެ، ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު
ހުޅުމާލެ ފޭސް 1 އަދި 2 ގައި އިތުރު ދެ ތަން
މިނިސްޓަރު އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މިއިން ކޮންމެ ތަނެއްގައި ފަސް މޭޒު ބޭނުންކޮށްގެން މަސްކޭސްތައް ބެހުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި، ހޫނު ގަދަވުމުން ދުވާލު ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ ދިގު ކިއޫއަށް ނޭރިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 28 ގެ ނިޔަލަށް މިކަން ކުރިއަށް ދާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް ހުރިހާ ގޭބިސީއަކަށް ލިބެންދެން މިކަން ކުރިއަށް ގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ބަހާއިރު، ކޮންމެ ގޭބީސީއަކަށް ވެސް 48 ދަޅުގެ މަސްކޭހެއް ދޫކުރާނެއެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށް ކަމަށްވާއިރު މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަން ޖެހޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން ބުނެއެވެ.