އަންނަ މަހު އއ. ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ނ. ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުންނެވެ.
އެ ރަށުގައި ސީޕްލޭންގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ރާއްޖޭގެ އަބާދީގެ ނިސްބަތަށް ބަލާއިރު ސީޕްލޭން އޮޕަރޭޝަނަކީ ޚަރަދު ބޮޑު މަސައްކަތެއްނަމަވެސް އަތޮޅުތެރޭގެ ތަރައްގީއާއި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް މިއީ މުހިއްމު މަސައްކަތެއް ކަމަށެވެ.
“ ރާއްޖޭގެ އާބާދީ ނިސްބަތަށް ބަލާއިރު މީ ވަރަށް ހަރަދު ބޮޑުކަމެއް، އެހެންނަމަވެސް ތަރައްޤީގެ ގޮތުންނާއި ލޯކަލް ޓުއަރިޒަމް ކުރިރުވުމުގެ ގޮތުން އަދި އުމްރާނީ ގޮތުންވެސް ކުރަންޖެހޭ ކަންކަން ކުރުމުގައި ދަތުރު ފަތުރުގެ ނިޒާމަކީ މުހިންމުކަމެއް. އެގޮތުން ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމު ކަމެއް“ އަމީން ވިދާޅުވިއެވެ.
ސީޕްލޭންގެ ޚިދުމަތް ތައާރަފްކުރެވުނު މި ތާރީޚީ ދުވަހަކީ ވެލިދުއާއި ފޮއްދޫގެ ރައްޔިތުންނަށްވެސް ވަރަށް އުފާވެރި ދުވަހެއްކަމަށް އަމން ވިދާޅުވިއެވެ.



