- Advertisement -spot_img

ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަނީ

ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން މެޑްޓެކާ އިއްޔެ ހަވާލުކޮށްފި އެވެ.

އިއްޔެ ހަވާލުކުރި މިމަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ވަނީ 90 ދުވަހުގެ މުއްދަތެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގެވެ. އަދި މެޑްޓެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޗެއާމަން އަހުމަދު ހައިކަލްއެވެ.

ޑައިލިސިސް ސެންޓަރު ހަދަން ތިން ފަރާތަކުން ކުރިމަތިލި ނަމަވެސް ދެފަރާތުން ފަހުން ވަނީ ނަން ނަގާފައެވެ.

ހޮސްޕިޓަލުން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ސިއްހީ ބޭނުންތައް ފުއްދުމަށްޓަކައި ޑައިލިސިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ. މިއީ، އެކަން ހާސިލްކުރަން ފަށާފައިވާ މަސައްކަތެވެ.

ހުޅުމާލެ ހޮސްޕިޓަލުން އަހަރަކު ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު ހުރީ ޑައިލިސިސް ހަދަން 10 އެނދެވެ. އެހެންނަމަވެސް ކިޑްނީ ބަލީގެ މީހުންނަށް ހާއްސަކޮށްގެން ހަދާ ސެންޓަރު ބޭނުންކުރަން ފެށުމުން، ކުރީގެ ޖާގަ އެހެން ފަރުވާއަކަށް ބޭނުންކުރާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރުމަށް ހަމަޖެހިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، މެޑްޓެކަށް ދޭނީ އެ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނާށެވެ. މިއީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އާއްމުކޮށް ގެންގުޅޭ އުސޫލެވެ.

ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހިންގާ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިވަގުތު ކުރަމުންނެވެ. މީގެއިތުރުން އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި، ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރަމުން އަންނަ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް