ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެއް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން ޑިޒައިންކޮށް، އިމާރާތްކުރާ މި ހޮސްޕިޓަލްގެ ސާވޭ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، ހޮސްޕިޓަލް ސައިޓުގައި ސާވޭއެއް ކުރީ މި މަހުގެ ފަސްވަނަ ދުވަހެވެ.
މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ.

މި އަހަރުގެ ތެރޭގައި މި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގާތްގަނޑަކަށް 12،900 އަކަމީޓަރުގެ ސަރަހައްދެއް ހޮސްޕިޓަލު ސަރަހައްދަށް ނަގާނެއެވެ. އޭގެތެރެއިން ހޮސްޕިޓަލް އަޅާނީ 6000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ހޮސްޕިޓަލްގައި 112 އެނދުގެ ކެޕޭސިޓީ ހުންނާނެއެވެ. އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޓެސްޓުކުރެވޭ ފެސިލިޓީތަކާއި، ފަރުވާދޭން ޚާއްސަ ތަންތަނާއި، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓު ޚިދުމަތް ދެވޭ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ޚާއްސަ އޮފީސް ސަރަހައްދެއް ވެސް ހުންނާނެއެވެ.



