މަސްވެރިން ކިރުވާފައިވާ މަހަށް މިއަދު 5،617،305 ރުފިޔާ މިފްކޯގެ ފަރަތުން ޖަމާކޮށްދީފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި 41 ދޯންނަކަށް ދޫކޮށްފައިވާ މިފައިސާއަކީ މިމަހުގެ 15 ވަނަ ދުވަހު ކިރާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދަނީ ދޫކުރަމުންނެއެވެ. އެގޮތުން މިދިޔަ ހަތްފާގައިވެސް މަސްވެރިންނަށް 34.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ ހަތްފާއާއި އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެއް އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީކުރަމުންނެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައސާ ޖަމާ ކުރަން ފެށުމާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެގޮތުން މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުން ހިމެނެއެވެ.



