ދިވެހިރާއްޖެއިން ފަސް ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދު ވަނީ އިއްވާ އެވެ. ރައީސް މިއަދު ނަން ފޮނުއްވި ހަތަރު ބޭފުޅުންނަކީ މިހާރު ވެސް ސަފީރުކަމުގައި ތިއްބެވި ބޭފުޅުންނެވެ. މި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ހާރިޖީ ކޮމިޓީއަށް ފޮނުއްވާފަ އެވެ. އެގޮތުން ފޮނުވާފައިވާ ނަންތަކަކީ:
ބުރްނާއީ އަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް – މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަރިޔަމް ޝަބީނާ އަހުމަދު، މ. ރުށްފުށި، މާލެ
ނެދަލޭންޑްސް އަދި ލަގްޒަމްބާގް އަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް – ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަގީލާ އަލީ، މ. ގީލާ ވިލާ، މާލެ
ފްރާންސަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް – ޔޫކޭއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް، ހ. އޯކިޑް، މާލެ
އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް – ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ލުވެއިޒު، މ. ދިލާސާގެ، މާލެ
މި ގައުމުތަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް މަޖިލީހުން ގޮތެއް ނިންމާނީ ހާރިޖީ ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.