ބޭސް ސިޓީ ފޯޖުކޮށްގެން 137,600 ރުފިޔާގެ ބޭސް އެކި ފަހަރުމަތިން އާސަންދައިން ނަގާފައިވާކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.
ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް 2019 އިން ފެށިގެން 2024ގެ ނިޔަލަށް އޮޑިޓްކޮށް، މިއަދު ނެރުނު ރިޕޯޓްގައި ވަނީ އޮޅުވާލައިގެން ބޭސް ސިޓީއަށް ބޭސް ނަގާ މައްސަލަތައް އާސަންދައަށް ރިޕޯޓްކުރި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ މާލޭގައި ދިރިނޫޅޭ މީހެއް ނަމަވެސް މާލޭގެ ފާމަސީތަކުން، ފޯޖުކޮށްފައިވާ ބޭސް ސިޓީތަކަށް ބޭސް ނަގައި ވިޔަފާރިކުރަމުން ދިޔަ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ.
ތުހުމަތުވާ މީހާ ބޭސް ނަގަމުން ދިޔައީ އޭނާގެ ބައްޕަގެ ނަން މަތީގައި ކަމަށާއި އެ މައްސަލަ 20 ފެބްރުއަރީ 2023ގައި މާލޭގެ ހޮސްޕިޓަލަކުން ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 2023އިން ފެށިގެން އޭޕްރިލް 2024ގެ ނިޔަލަށް މާލޭގެ ފާމަސީތަކުން 112,586 ރުފިޔާގެ ބޭސް އެ މީހާ ނަގާފައިވާއިރު، އައްޑޫ ހޮސްޕިޓަލުން 25,080 ރުފިޔާގެ ބޭސް ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.



