- Advertisement -spot_img

ގުޅީގައި 2000 ގަސް އިންދުމުގެ މަޝްރޫއެއް ފަށައިފި

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ރިޔާސީ މަޝްރޫޢުގެ ދަށުން، ކ. ގުޅީގެ އަލަށް ހިއްކި ސަރަހައްދު ފެހިކުރުމަށްޓަކައި 2,000 ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް  އެ ރަށުގައި ފަށައިފިއެވެ.

މި ހަރަކާތަކީ މިނިސްޓްރީ އޮފްޓޫރިޒަމް އެންޑް އެންވަޔަރަމަންޓް، ގުޅީ ކައުންސިލް، ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނަޢީމް އަދި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ އިސްނެގުމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ކެމްޕޭނަށް އެއްބާރުލުން ދިނުމާއި، ގުޅީގެ ތިމާވެށި ހިމާޔަތްކޮށް ރަށުގެ ހިއްކި ސަރަހައްދަކީ ހިތްފަސޭހަ ފެހި ތަނަކަށް ހެދުމެވެ.

މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން މެންބަރު އަނާރާ ނަޢީމާއި ރަށު ކައުންސިލްގެ އިސްވެރިން ވަނީ ގަސް އިންދަވައިދެއްވާފައެވެ. މި މަސައްކަތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ދަނީ ޢަމަލީގޮތުން ބައިވެރިވަމުންނެވެ.

ގުޅީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި 2,000 ގަސް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އަދި އިންދާ ގަސްތައް ބަލަހައްޓައި، ބޮޑުވަންދެން ފެންދީ ކުނިކަހައި ހެދުމުގެ އިންތިޒާމުތައްވެސް ކައުންސިލާއި މުއައްސަސާތައް ގުޅިގެން ވަނީ ރާވާފައެވެ.

މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލްވުމަށްޓަކައި ރަށު ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް