- Advertisement -spot_img

ކޭޕާކް މަންޑޭ 397 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކިކަން ސާބިތުވެ ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ އޭނާގެ މައްޗަށް އުފުލި 94 ދައުވާ ސާބިތުވުމުންނެވެ.

އެހެންކަމުން މަރުވަންދެން މަންޑޭ ހުންނަންޖެހޭނީ ޖަލުގައެވެ.

މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ މަންޑޭ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށެވެ. އަދި ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބުރަތަކަށް ވާނެ ފަދަ އަދަބެއް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެއިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައިވެއެވެ. 

ގުޅުންހުރި ލިޔުންތައް