މާލޭގެ ބޮޑުތަކުރުފާނުމަގު ބާޒާރުމަތީ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި އެ މަގުން ނެގި ގަސްތައް ހުޅުމާލޭގައި އިންދަން ފަށައިފިއެވެ.
އެ ގަސްތައް އެތަނުން ނެގުމުން އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް އެ ގަސްތައް ނެގީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށެވެ.
އެޗްޑީސީން ބުނީ މާލޭގެ މާޒާރުމަތި ހިމެނޭ ސަރަހައްދުން ނެގި ގަސްތައް ހުޅުމާލެ ފޭސް އެކަކާއި ދޭ ގުޅޭ ސަރަހައްދުގައި އިންދަމުން އަންނަ ކަމަށެވެ.
އެ ހިރުނދު ގަސްތައް ހުޅުމާލޭގައި އިންދާ ފޮޓޯތައް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިންމާލީ އެމްއެމްއޭ ސަރަހައްދާ ދިމާލުން ބިން ހިއްކައި މަގު ފުޅާކޮށްގެންނެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދަށް އެކި ބޭނުންތަކުގައި ގޮސް އުޅޭ ފަރާތްތަކަށް އެތަކެއް ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ.



