ރައްޔިތުން އެދޭކަންކަން ހާސިލް ކުރުމުގައި މަސްލަހަތު އޮތީ ޤާނޫނު ބަދަލުކޮށްގެން ކަމަށްވާނަމަ އެކަންކޮށްގެންވެސް ކަންކަން ހާސިލް ކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނާ މި ބައްދަލުކުރައްވަނީ، ރައްޔިތުން ބޭނުންވާ ވާހަކަތައް އެއްވެސް ހުރަހެއްނެތި، ބޭނުންވާ ގޮތަކަށް ސަރުކާރާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. މި ބައްދަލުވުންތަކުގެ ތެރެއިންނާއި ވަކިންވެސް އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް ހިއްސާކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކުވެސް ދައްކާ ވާހަކައަކީ، ސަރުކާރުން ވަރަށް ސަމާލުކަންދޭނެ، މުހިންމު ވާހަކަތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ޚިޔާލުތަކަށް ބަލައި، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރުން ކަމުގައިވާނަމަ، އެކަންވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވިއެވެ. ”އެ ކަމެއްގެ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނާއި ޤަވާއިދު ބަދަލުކުރަން ކަމުގައިވަންޏާ އެކަން ކޮށްގެންވެސް އެކަމަކަށް އެރައްޔިތަކު އެދިވަޑައިގެންނެވި ކަންތައް އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އެކަން ކުރުން ކަމުގައިވާނަމަ އެކަމަކަށް ފުރިހަމަގޮތުގައި އިޖާބަ ދިނުމުގެ ވިސްނުމުގައި އަޅުގަނޑު މަސައްކަތް މިކުރަނީ.“
ރައީސްގެ މި ވިސްނުންފުޅުން ރައްޔިތުންނަށް ދެވިފައިވާ ސަމާލުކަމާއި، ރައްޔިތުންގެ ބައިވެރިވުމާއެކު ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހާމަވެގެންދެއެވެ.



