އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

ރިޓަޔާވާ ފަހުން އައްޔަންކުރާ ވެރިންނަށް ޑަބަލް އެލަވެންސް ނުލިބޭނެ

ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރާ ރިޓާކޮށްފައި ތިބޭ ބޭފުޅުންނަށް، މަގާމުތަކުގައި ތިބޭ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ނުލިބޭ ގޮތް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި ރޭ ކުރިއަށް ދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ ރިޓަޔާކޮށްފައިވާ ބޭފުޅުން މަގާމުތަކަށް އައްޔަންކުރަނީ ފަސްބައި ސާފު އަދި ނަޒާހަތްތެރި ސަރުކާރަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް ރިޓަޔާޑް ބޭފުޅުންނަށް، މަގާމުތަކުގައި ތިއްބަވާއިރު ވެސް ރިޓަޔާމެންޓް އެލަވަންސް ލިބެންމުންދާތީ ހަރަދު ބޮޑުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރާ ކަމަށާއި އެއީ ރަނގަޅު ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަން ބަދަލުކުރަން މިހާރު އަންގަވާފައިވާނެ ކަމަށާއި އަދި ސިވިލް ސާވިސް ކޮމިޝަނުން އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ.

”ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އައްޔަންކޮށްފި ނަމަ ނޫނީ ރިޓަޔާޑް ބޭފުޅަކު އިންތިޚާބީ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ އެ މަގާމުގައި އެ ހޭދަ ކުރާ މުއްދަތުގެ ތެރޭގައި އެ ރިޓަޔާމެންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް. އެހެންވީމަ ޑަބަލްކޮށް ނުލިބޭ ގޮތަށް،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިކަމުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުމަކީ އެމަނިކުފާނު ވެސް ބަލައިގަންނަ ކަންބޮޑުވުމެއް ކަމަށާއި މިކަން ހައްލުކުރާނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށްވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް