އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

ފަހި ފްލެޓްތަކަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނިކުރަން ނިންމައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް ދެއްކި ފަރާތްތަކުގެ ފައިސާ، ކުރިއަށް އޮތް މަސްތަކުގެ ކުލިން އުނިކޮށްދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ގެންނެވި ބަދަލާ ގުޅިގެންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކުން ޑިޕޮސިޓާއި ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި މާލީ ދަތިކަމާ ގުޅޭ ކަންބޮޑުވުންތައް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ހިއްސާކުރައްވާފައެވެ. 

ހައުސިން މިނިސްޓްރީން ބުނީ ތިން ކޮޓަރީގެ ފްލެޓުތަކަށް ކުރިން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކާފައިވާ 25،000 ރުފިޔާ އިން، މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާ އުނިކުރުމަށްފަހު، ބާކީ ހުރި 16،500 ރުފިޔާ، ކުރިއަށް އޮތް މަސްތަކުގެ ކުލިން އުނިކުރެވޭނެ ކަމަށެވެ. މިއީ ފްލެޓް ލިބުނު ފަރާތްތަކަށް ވަގުތީ ގޮތުން ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހަމައެފަދައިން، ދެ ކޮޓަރީގެ ފްލެޓުތަކަށް ކުރިން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކާފައިވާ 15،000 ރުފިޔާ އިން، މިހާރު ކަނޑައަޅާފައިވާ 6،000 ރުފިޔާ އުނިކުރުމަށްފަހު، ބާކީ ހުރި 9،000 ރުފިޔާ ވެސް ކުރިއަށް އޮތް މަސްތަކުގެ ކުލިން އުނިކުރެވޭނެއެވެ. މިކަމުގެ ސަބަބުން ދެ ކޮޓަރީގެ ފްލެޓު ލިބުނު ގިނަ އާއިލާތަކަށް ލުޔެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ބަދަލުތަކާއެކު، ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8,500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1,500 ރުފިޔާ ހިމެނޭހެން ޖުމްލަ 10,000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 8,500 ރުފިޔާއަށް ކުޑަކުރެވިފައިވެއެވެ. ކުރިން މި ފްލެޓުތަކަށް މެއިންޓަނަންސް ފީއާއެކު މަހަކު 10,500 ރުފިޔާ ދައްކަން ޖެހުނުއިރު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25,000 ރުފިޔާ ދައްކަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.

ދެ ކޮޓަރީގެ ފްލެޓުތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މަހު ކުލީގެ ގޮތުގައި 6,000 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1,000 ރުފިޔާ ހިމެނޭހެން ޖުމްލަ 7,000 ރުފިޔާ ދައްކަން ޖެހޭނެއެވެ. މި ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6,000 ރުފިޔާއެވެ. ކުރިން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓަނަންސް ފީއާއެކު މަހަކު 8,000 ރުފިޔާ ދައްކަން ޖެހުނުއިރު، ޑައުންޕޭމަންޓުގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހުނުކަން މި ނިންމުމުން ބަދަލުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް