ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި، ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމެމުންދާ ކަމަށެވެ.
އެގޮތުން ހަތް ޓަވަރެއްގައި މި މަސައްކަތް ނިންމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތިން، ހަތަރު މަހެއްގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް މި އުންމީދުކުރަނީ. އޭޕްރީލް މަހުގެ ނިޔަލަށް މިހާރު އޮތް ޝެޑިއުލް އޮތްގޮތުން ވިއްޔާ ނިންމޭނެ.“ ރައީސް ވިދާޅުވިއެވެ.
ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރު ކުރުމަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ރައީސް ވަނީ، ހުޅުމާލެ ފޭސް 2ގެ ރައްޔިތުން އެދޭ ކަންކަން، ކައިރި މުސްތަގުބަލެއްގައި ކޮށްދެއްވަވާނެކަމުގެ ޔަގީންކަން ވެސް، ރޭ އަރުވައިފައެވެ.



