ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ފަށަން ސަރުކާރުން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ކަމަށެވެ. ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލު ހޯލުގައެވެ.
ގުރުއަތުލާނީ ގޯތި ލިބުނު މީހުންގެ ހާޒިރުގައެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލުން މިހާރު ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ތެރެއިން 63 ހެކްޓަރުގެ ތެރެއިން 31 ހެކްޓަރު މިހާރު ވަނީ ހިއްކައި ނިމިފައެވެ.
އެ މަސައްކަތް ދޮޅުމަސް ތެރޭގައި ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކައި ނިމުމުން ދެން ހިއްކަން ފަށާނީ ގިރާވަރުފަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



