ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ހުޅުވާލައިފިއެވެ.
މިއީ މިދިޔަ އޮގަސްޓު މަހު ވެސް މިކަމަށް އިއުލާންކުރި އެވެ.
މިނިސްޓްރީން ބުނީ އީއައިއޯ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހެލިކޮޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މި ހިދުމަތް އެއާ އެމްބިއުލާންސްގެ ގޮތުގައި އާއި ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދިރާސާއެއް ހަދާފައިވާ ކަމަށެވެ. ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނީ އެ މިންގަނޑުތަކާއެއްގޮތަށް ކަމަށް އަމީން ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި އޮޕަރޭޓްކުރަމުން ދަނީ އިންޑިއާގެ ފަރާތުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރެވެ.



