އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 4-1 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑު ތާވަލުގެ ހަވަނަ އަށް ޖެހިލައިފިއެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 25 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ކުރިހޯދަދީފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖިއަން-ރިސްނާ ބެލަގާޑް ވަނީ ލަނޑު ޖަހައި ވުލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެއީ މި ސީޒަނުގައި އަދި މެޗަކުން މޮޅުނުވެ އޮތް ވުލްވްސް އިން 540 މިނެޓު ތެރޭގައި ޖެހި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ޔުނައިޓެޑުން ކުރި ކައުންޓަ އެޓޭކެއްގައި ޑިއޯގޯ ޑަލޮޓް ތަނަވަސްކޮށްދިން ފުރުސަތަކުން ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑު ޖަހައި އަނެއްކާވެސް ޔުނައިޓެޑަށް ކުރިހޯދަދީފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން މޭސަން މައުންޓް ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މާޗު މަހުގެ ފަހުން، ރަށުން ބޭރުގައި ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ފެނާންޑޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މިއީ ޔުނައިޓެޑަށް މި ސީޒަނުގައި ލިބުނު އެންމެ ބޮޑު މޮޅެވެ.
މި ނަތީޖާއާއެކު ވުލްވްސް ވަނީ އެންމެ ފަހުން ކުޅުނު އަށް މެޗުން ބަލިވެފައެވެ. އެ ޓީމު އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. އަދި ޔުނައިޓެޑް ވަނީ 12 ވަނަ އިން ހަވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.



