ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ޕެންޝަން ފަންޑާއި ގުޅިގެން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން“ ރައީސް ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.



