ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާ: އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން ބަލިވެ ރެއާލް މެޑްރިޑް ޕްރެޝަރަށް

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ. އަދި މިއީ 2004 ގެ ފަހު ރެއާލްގެ ދަނޑުގައި ސެލްޓަވީގޯ މޮޅުވި ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ލީޑުހޯދުމަށް މިހާފުގައި ރެއާލްގެ އެމްބާޕޭ އަދި ވިނީސިއަސްއަށް ވެސް ވަނީ ވަރަށް ހުސް ދެފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތްނުވެފައެވެ. މީގެ އިތުރުން މިހާފުގައި ކައުންޓާ އެޓޭކުތަކުގައި ސެލްޓާ އިން ވެސް ރެއާލްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ރެއާލް މެޑްރިޑް އަދި ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗު ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ސެލްޓަވީގޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިލިއޮޓް ސްވެޑްބާގް އެވެ.

މިމެޗުގައި ރެއާލް މެޑްރިޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ފެރާންގާސިއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އަދި މެޗުގެ އިތުރުވަގުތުގެ ތެރޭގައި މެޗު ހޫނުވެ ރެއާލްގެ ޑިފެންޑަރު އަލްވާރޯ ކަރޭރަސްގެ އިތުރުން ބެންޗުގައި އިން ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިޗަށް ވެސް މެޗުގެ ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ރެއާލް މެޑްރިޑް އަދި ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން

މިއާއެކު މެޗުގެ އިތުރުވަގުތުގެ ފަހު ހަތަރު މިނެޓް ނުވަ ކުޅުންތެރިންނާއެކު ރެއާލް މެޑްރިޑުން ފުރިހަމަކުރިއިރު، ސެލްޓާގެ ދެވަނަ ލަނޑު މެޗުގެ އެންމެ ފަހުވަގުތު ކާމިޔާބުކޮށްދިނީ ވެސް ވިލިއޮޓް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ރެއާލް މެޑްރިޑަށް 36 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 15 މެޗުން ސެލްޓަވީގޯއަށް 19 ޕޮއިންޓް ލިބުފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް