އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެކަމަށް ގައްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ގައްދޫ ކައުންސިލް މެންބަރުންގެ އިތުރުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 18,613 އަކަޓޫފުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެއެވެ. އަދި 2،563 އަކަފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 101.70 މިލިއަން ރުފިޔާއަށެވެ.

ގާތްގަނޑަކަށް 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ޞިއްޙީ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ޞިއްޙީ މަރުކަޒަކުންނެވެ.

ގައްދޫ ހޮސްޕިޓަލް ތަރައްގީވެ ހިދުމަތްތައް ފުޅާކުރުމުން ގައްދޫގެ އިތުރުން އެ ރަށާ ކައިރި ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް